ދަނިއުސް އެމްވީ ގެ ފަރާތުން ދަރަނބޫދޫ ސިއްޙީމަރުކަޒަށް އެލެކްޓްރިކް ހެޖް ޓްރިމަރެއް މިއަދު ހަދިޔާ ކޮށްފިއެވެ.
ދަރަނބޫދޫ ސިއްޙީމަރުކަޒުގެ މުވައްޒަފުން އެތަން ފެހިކޮށް ބަގީޗާ ހެއްދުމަށް ކުރަމުން ގެންދާ މަސައްކަތުގައި އެހީތެރިކަމެއް ފޯރުކޮށް ދިނުމުގެ ގޮތުން ދަނިއުސް އިން މިއަދު ހަދިޔާ ކުރެއްވި ޓްރިމަރަކީ އެ ސިއްޙީމަރުކަޒާއި މަޝްވަރާކުރެވިގެން ހޯދާ ދެވިފައިވާ ހަދިޔާއެކެވެ.
ދަނިއުސް އެމްވީ ރެޖިސްޓާރ ކުރެވުމުން ރަށުގެ އިޖްތިމާޢީ މަސައްކަތްތަކުގައި އެހީތެރިވާ ފަރާތްތަކާއި، މުވައްސަސާތަކާއި ޖަމްޢިއްޔާތަކުގެ އިތުރުން ކުޅިވަރުގެ ދާއިރާގައި އެކިގޮތް ގޮތުން އެހީތެރިކަން ފޯރުކޮށް ދެއްވާ ފަރާތްތަކަށް ބޭނުން ހިފޭނެ ތަކެތި ފޯރުކޮށް ދިނުމަކީ ދަނިއުސްގެ މެނޭޖްމަންޓުން ކުރިއަށް ރާވާފައިވާ ކަންކަމުގެ ތެރޭގައި ހިމެނިފައިވާ ކަމެކެވެ.
މިގޮތުން މިއަހަރުގެ ތެރޭގައި ރަށުގެ ކޮންމެވެސް އެހެން ފަރާތަކަށް އިތުރު އެހީތެރިކަމެއް ފޯރުކޮށް ދިނުމަށް ދަނިއުސްގެ މެނޭޖްމަންޓުން އަންނަނީ އެފަރާތްތަކާއެކު މަޝްވަރާކުރަމުންނެވެ. މި މަސައްކަތްތަކަށް ބޭނުންވާ ޚަރަދު ހަމަޖައްސަމުން އަންނަނީ އެކިއެކި ފަރާތްތަކުން ދަނިއުސްއަށް ފޯރުކޮށްދޭ އެހީތެރިކަމާއި ސްޕޮންސަރުންގެ އެހީތެރިކަމާއެކުގައެވެ.
ދަނިއުސް އަކީ އޮންލައިން ނޫހެއްގެ ގޮތުގައި ރެޖިސްޓާރ ކުރެވިގެން ފ.އަތޮޅުގައި ހިންގާ ހަމައެކަނި ނޫހެވެ. ދަނިއުސް ނޫހެއްގެ ގޮތުގައި ރަޖިސްޓާރ ކުރެވިފައިވަނީ 2023 ޖަނަވަރީ 10 ވަނަ ދުވަހުގައެވެ.