އަހަރު ތަކެއްގެ މެދުކެނޑުމަށްފަހު ކޯލާއައުނު ފުޓްސަލް ކަޕް މިއަހަރު ބޭއްވުމަށް މަސައްކަތް ކުރިކަމުގައި ވިޔަސް، އެ މުބާރާތް މިއަހަރު ބޭއްވޭނެކަމުގެ އުއްމީދެއް މިހާރު ނެތްކަމަށް ދަރަނބޫދޫ ޒުވާނުންގެ ކުލަބުން ހާމަކޮށްފިއެވެ.
ކޯލާއައުނު ފުޓްސަލް ކަޕް މިއަހަރު ބޭއްވުމާއި ބެހޭގޮތުން ޓީމުތަކުގެ ކުޅުންތެރިންނާއި އިސް ފަރާތްތަކާއި ޒުވާނުންނަށް ޚާއްސަކޮށްގެން ދަރަނބޫދޫ ޒުވާނުންގެ ކުލަބުން މިއަހަރުގެ އޭޕްރީލް މަހުގެ 27 ވަނަ ދުވަހުގެ ރޭ ފުޓްސަލް ދަނޑުގައިވަނީ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި މަޝްވަރާކޮށް ނިމުނީ ފުޓްސަލް ދަނޑުގެ މައްސަލަތަކެއް ހުރުމާއެކު، އެ ދަނޑު މަރާމާތު ކޮށްގެން ނޫނީ މުބާރާތް ބާއްވަން ނުފެންނަކަމަށެވެ.
ދަރަނބޫދޫ ޒުވާނުންގެ ކުލަބުން އިންތިޒާމްކޮށްގެން ބާއްވާ ކޯލާއައުނު ފުޓްސަލް ކަޕާއި ގުޅޭ އެންމެ ފަހުގެ އަޕްޑޭޓް ހޯދުމަށް މީހަކު ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓަކަށް އެކުލަބުގެ ކުޅިވަރު ސެކްރެޓަރީ އަޒްހާން ޚަލީލް ކޮށްފައިވާ ކޮމެންޓެއްގައި ބުނެފައިވަނީ ބައްދަލުވުމުގައި އެގޮތަށް ނިންމާފައިވުމާއި ގުޅިގެން ފުޓްސަލް ދަނޑުގެ ބެލެނިވެރި ފަރާތްކަމުގައިވާ ކައުންސިލާއި ކުލަބުން ބައްދަލު ކޮށްފައިވާ ކަމުގައެވެ. އަދި ބޮޑު ޢީދުގެ އެއް މަސް ދުވަސްކުރިއަށް ދަނޑު މަރާމާތުކޮށް ދިނުމަށް ކައުންސިލްގައި ދަންނަވާފާއިވާނެ ކަމުގައެވެ.
އެއާއެކު ރަށު ކައުންސިލުން ދަނޑު މަރާމާތުކުރުމަށް ބޭނުންވާނެ ރަބަރު ރަށަށް ގެނެސްފައި ވީނަމަވެސް، އިތުރު މަސައްކަތްތަކެއް މިހާތަކަށް ކުރެވިފައި ނުވާކަމަށް އަޒުހާން ބުނެފައިވެއެވެ. އަދި ޢީދަށް މިހާރު ކުޑަތަންވެފައި ވާކަމަށާއި، ދެން މުބާރާތަށް ކުލަބުން ވާންޖެހޭ އެހެނިހެން ތައްޔާރީތަކާއި އިންތިޒާމްތައް ހަމަޖެއްސޭނެކަމަށް ނުފެންނަކަމަށެވެ.
“…ޢީދަށް ވަގުތު ކުޑަތަންވުމާއި، މިހާލަތުގައި މުބާރާތް އިޢުލާނު ކުރިޔަސް ޓީމްތަކަށް އެކަށީގެންވާ ވަރަށް ތައްޔާރު ނުވެވޭނެތީއާއި ޑީޒެޑްސީ އަށްވެސް އިންތިޒާމްތައް ހަމަޖެއްސޭނެކަމަށް ނުފެންނާތީ ކޯލާއައުނު މި އަހަރު ބޭއްވޭނެކަމަށް ނުދެކެން”
ކޯލާއައުނު ފުޓްސަލް ކަޕަކީ ދަރަނބޫދޫ ޒުވާނުންގެ ކުލަބުން އިންތިޒާމްކޮށް 2010 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ބާއްވަމުން އައިސްފައިވާ ރާއްޖެއަށް ބްރޭންޑެޑް ވެފައިވާ މުބާރާތެކެވެ. އެހެން ނަމަވެސް 2020 ވަނަ އަހަރު ކޮވިޑާއި ގުޅިގެން އެޅި ފިޔަވަޅުތަކާއި ގުޅިގެން އެ މުބާރާތް އެއަހަރު ފަސް ކުރިގޮތަށް މި އަދާއި ހަމައަށްވެސް އެ މުބާރާތުގެ އިތުރު ސީޒަނެއް ބޭއްވިފައެއްނުވެއެވެ.