މި ހަފްތާ ބަންދުގައި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ރަސްމީ ދަތުރުފުޅެއްގައި ފ.އަތޮޅުގެ ރަށްތަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ހާމަކުރައްވައިފިއެވެ.
ރައީސްގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ މި ދަތުރުފުޅުގައި ފ. އަތޮޅުގެ ހުރިހާ ރަށަކަށް ރައީސް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ދަތުރުފުޅުގައި ފ.އަތޮޅުގެ ރަށްރަށުގައި ސަރުކާރުން ހިންގާ މަޝްރޫޢުތައް ބައްލަވާލެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، މީގެތެރެއިން މިހާތަނަށް ނިމިފައިވާ މަސައްކަތްތައް އިފްތިތާޙް ކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ.
ރައީސްގެ މިދަތުރުފުޅުގައި ރަށްރަށަށް ވަޑައިގެން އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ކޮމެޓީތަކާއި ބައްދަލުކުރައްވާ ގޮތަށްވަނީ ހަމަޖެހިފައެވެ.
ދަރަނބޫދޫ ކައުންސިލާއި ދަރަނބޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ހުސްވި އަހަރުގެ ނޮވެމްބަރު މަހު ވަނީ ރައީސް ޞާލިޙާއި ބައްދަލު ކުރައްވާފައެވެ.
މިއީ ދިވެހިރާއްޖޭގެ ވެރިކަމާއި ޙަވާލުވެ ވަޑައިގެންނެވި ފަހުން ރައީސް ޞާލިޙް ދަރަނބޫދޫއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. މި ދަތުރުފުޅުގައި ދަރަނބޫދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާތީ ދަރަނބޫދޫގެ މުވައްސަސާތަކާއި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއެކު، ރައީސަށް މަރުޙަބާ ދެންނެވުމަށް ތައްޔާރީތައް ވުމުގެ މަސައްކަތް އަންނަނީ ބާރު ސްޕީޑުގައި ކުރަމުންނެވެ.
ރައީސަކަށް ވެވަޑައިގަތުމުގެ ކުރިން ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ދަރަނބޫދޫއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ، ރަށުގެ ކުރިއެރުމަށް މުހިންމު ކަންތައްތަކެއް ކޮށްދެއްވާނެކަމަށް ވިދާޅުވެފައިވާއިރު، ވެރިކަމާއި ޙަވާލުވެ ފުރަތަމަ 4 އަހަރުގައިވެސް ރައީސްވަނީ ރަށަށް މުހިންމުވެފައިވާ ޢުމްރާނީ ބޮޑެތި މަޝްރޫޢުތައް ފައްޓަވާ ދެއްވާ ބައެއް މަޝްރޫޢުތައް ނިންމަވާ ދެއްވާފައެވެ.