ދަރަނބޫދޫ ސިއްޙީމަރުކަޒުގައި މޯބައިލް ލެބޯޓަރީގެ ޚިދުމަތް ފަށައިކުރިއަށް ގެންދާތާ ދުވަސްތަކެއް ވެފައިވާކަމަށް އެ ސިއްޙީމަރުކަޒުން ހާމަކޮށްފިއެވެ.
އެ ސިއްޙީމަރުކަޒުން މިއަދު މީސްމީޑިއާގައި ހިއްސާކޮށްފައިވާ މެސެޖެއްގައި ބުނެފައިވަނީ ފ. އަތޮޅު ހޮސްޕިޓަލްގައި ހެދެން ހުންނަ ލެބޯޓަރީ ގިނަ ޓެސްޓްތައް ދަރަނބޫދޫ ސިއްޙީމަރުކަޒުގެ މޯބައިލް ލެބޯޓަރީ ޚިދުމަތުގެ ތެރެއިން ލިބެން ހުންނާނެކަމަށެވެ.
މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯދާލުމަށް ދަނިއުސް އިން ދަރަނބޫދޫ ސިއްޙީމަރުކަޒު ހިންގެވުމާއި ޙަވާލުވެހުންނެވި ސީނިއާރ އެޑްމިނިސްޓްރޭޓަރ، މުޙައްމަދު ޢަބްދުއް ލަޠީފަށް ގުޅާލުމުން ވިދާޅުވީ މޯބައިލް ލެބޯޓަރީގެ ޚިދުމަތް ފަށައިގެން ކުރިއަށް ގެންދާތާ މިހާރު އަހަރުތަކެއް ވެފައިވާކަމަށެވެ. ސިއްޙީމަރުކަޒުން ޙިއްސާކޮށްފައިވާ ޕޯސްޓަކީ، ލެބޯޓަރީގެ ޚިދުމަތަށް މީހުން އިތުރަށް ހޭލުންތެރިކުރުވުމަށް ލާފައިވާ ޕޯސްޓެއްކަމަށެވެ.
މުޙައްމަދު އިތުރަށް ވިދާޅުވީ، ސިއްޙީމަރުކަޒުން މި ޚިދުމަތް ފޯރުކޮށްދޭކަން ނޭނގި ތިބެ ބައެއް ފަރާތްތަކުން އަމިއްލައަށް ޚަރަދުކޮށްގެން ކައިރި ރަށްރަށުގެ ލެބޯޓަރީތަކަށް ގޮސް ޚިދުމަތް ހޯދާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ. ސިއްޙީމަރުކަޒުގައި މޯބައިލް ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރެވިފައިވަނީ، ބަލިމީހުންނަށް ލުއިފަސޭހަ ކުރުމަށާއި ވަގުތު ސަލާމަތްކުރުމަށެވެ. މި ޚިދުމަތާއި ގުޅިގެން ދަތުރެއް ހަދާފައި ބަލިމީހާ ކައިރި ރަށްރަށަށް ސިއްޙީ ޚިދުމަތް ހޯދަން ދިއުމުގެ ބަދަލުގައި، ރަށު ސިއްޙީމަރުކަޒުގެ އޯޕީޑީއަށް ދުރުވެ ޚިދުމަތް ހޯދުމަށް މުޙައްމަދު އެދިވަޑައިގަތެވެ.
“މިޚިދުމަތް ހޯދުމަށް ބަލިމީހާއަށް މިޖެހެނީ ހަމައެކަނި އައިޑީ ކާޑު ހިފައިގެން އައިސް ޑަކްޓަރަށް ދައްކާލަން. ޚިދުމަތުގެ ބާކީ ކަންކަން ފުރިހަމަކުރާނީ މަރުކަޒުގެ ކަމާއިބެހޭ މުވައްޒަފުން” މުޙައްމަދު ހާމަކުރިއެވެ. އެގޮތުން ބަލިމީހާގެ ޝަކުވާއަށް ބަލައިގެން ހަދަންޖެހޭ ޓެސްޓްތައް މެޑިކަލް ޓީމުން ކަނޑައަޅާނެކަމަށާއި، ސާމްޕަލް ނެގުމުގައި އަމަލުކުރަންވާ ގޮތްތައް އެމުވައްޒަފުން ބަލިމީހާއަށް އޮޅުންފިލުވައި ދެއްވާނެކަމަށެވެ. ސާމްޕަލް ނަގައި ފޮނުވަންޖެހޭ ލެބޯޓަރީއަކަށް ފޮނުވުމާއި ލެބޯޓަރީން ސާމްޕަލް ނަތީޖާ ހޯދައި ބަލިމީހާއަށް ފޯރުކޮށްދޭނީވެސް މަރުކަޒުންނެވެ.
އެކިއެކި ބަލިތަކަށް ދާއިމީކޮށް ފަރުވާކުރަމުން އަންނަ ފަރާތްތަކުން ޤަވާއިދުން ހަދަންޖެހޭ ޓެސްޓްތައްވެސް މި ޚިދުމަތުގެ ތެރެއިން ލިބެމުން އަންނަކަމަށް މުޙައްމަދު ވިދާޅުވިއެވެ. އެގޮތުން ހަކުރާއި ކޮލެސްޓްރޯލާއީ އެޗްބީ އަދި ލޭގެ ގުރޫޕް ބެލުމާއި ޕްރެގްނެންސީ ޓެސްޓާއި ތެލެސީމިއާ ފަދަ ޓެސްޓަތަކާއި ކުޑަކަމުދާ ތަކެތި ނަގައިގެން ހަދާ ގިނަ ޓެސްޓްތައްވެސް ސިއްޙީމަރުކަޒުން ހެދޭނެއެވެ. މޯބައިލް ލެބޯޓަރީގެ ޚިދުމަތް ދެމުންއަންނަތާ ދުވަސްތަކެއް ވެފައިވީނަމަވެސް، މިޚިދުމަތް އެންމެ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށް ބައެއް ގޮންޖެހުންތައް ހުންނަކަން ފާހަގަކުރައްވަމުން މުޙައްމަދު އިތުރަށް ވިދާޅުވީ، އެކަންކަން ސަރުކާރުގެ ސަމާލުކަމަށްގެނެސް ޙައްލުކުރުމުގެ މަސައްކަތް ކުރެވެމުން އަންނަކަމަށެވެ.