ތުރުކީ އަދި ސީރިޔާގެ ބަޔަކަށް އިއްޔަ އައި ބިން ހެލުމާއި ގުޅިގެން ކުއްލި އެހީގެ ފަނޑެއް ހުޅުވާލައި، ބިންހެލުމުގައި ގެއްލުންވި ފާރާތްތަކަށް، ދިވެހިންގެ ފަރާތުން އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް އިންޓަރނޭޝަނަލް އެއިޑް ކެންޕެއިން (އައިއޭސީ)ގެ ފަރާތުން ފަށައިފިއެވެ.
ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 4000 ވަނީ އަރާފައެވެ. އަދި ޒަޚަމްވެފައިވާ ފަރާތް ތަކުގެ އަދަދު ވަނީ 5000 ވުރެ މަތީގައެވެ. އަދިވެސް އިމާރާތްތަކުގެ ދަށުވެފައިވާ ފަރާތްތަށް ހޯދުމުގެ މަސައްކަތްތަށް ދަނީ ކުރިއަށެވެ.
އައިއޭސީގެ ޓީމްއިން ދަނީ ތުރުކީ އަދި ސީރިއާގައި ހަރަކާތް ތެރިވަމުންނެވެ. މިގޮތުން ގެދޮރު ގެއްލުނު ފަރާތްތަކަށް މިވަގުތަށް އެންމެ ބޭނުން ޖެހިފައިވަނީ ކާބޯތަކެއްޗަށް ކަމުން، އެޓީމް ދަނީ ކެއްކި ތާޒާ ހޫނު ކެއުން ފޯރުކޮށްދިނުމުގެ އިންތިޒާމްތައް ކުރަމުންނެވެ.
އިންޓަރނޭޝަނަލް އެއިޑް ކެންޕެއިން (އައިއޭސީ) އަކީ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދިވެހިރާއްޖޭގައި އެންމެފުރަތަމަ އުފެދުނު ޖަމާޢަތް ކަމަށްވާ “އެހީ” ޖަމްއިއްޔާގެ އިސްނެގުމާއެކު، އިތުރު އެހެން ފަރާތްތައް ގުޅިގެން ހިންގަމުން އަންނަ އިންސާނީ އެހީގެ ހަރަކާތެކެވެ. ދުނިޔޭގެ އެކިހިސާބުތަކުގައި ހާލުގައި ޖެހިފައިތިބި މުސްލިމް އަހުންނާއި އުޚްތުންގެ ހާލަތާމެދު މުޖުތަމައު ހޭލުންތެރިކުރުމާއި، އެހީތެރިކަން ބޭނުންވާ އެކި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އައިއޭސީ ގެ އަސާސީ މަޤްސަދެވެ. އައިއޭސީ އިން ހިންގާފައިވާ އެހީގެ ބޮޑެތި މަޝްރޫޢުތަކުގެ ތެރޭގައި 2017 ގައި ސީރިއާގެ ހަނގުރާމައިގައި ހާލުގައިޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމަށް ހިންގުނު “ހެލްޕް ސީރިއާ މޯލްޑިވްސް” އާއި މިޔަންމާގެ ބުޑިސްޓުންގެ އަނިޔާތައް ތަހަންމަލް ކުރަންޖެހުނު މުސްލިމުންނަށް އެހީވުމަށް ހިންގުނު “ހެލްޕް ރޮހިންގޔާ މޯލްޑިވްސް” އަދި 2018 ވަނަ އަހަރު ޓެރަރިސްޓް އިޒްރާއީލްގެ އުދުވާންތަކާއިގުޅިގެން ހާލުގައިޖެހުނު ފަލަސްތީންގެ ރައްޔަތުންނަށް އެހީތެރިވުމަށް ހިންގުނު “ލޯތްބާއެކު ޣާއްޒާ އަށް” ކެންޕެއިން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުންވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެހީގެ ތަފާތުއެކި ޕްރޮޖެކްޓްތައް އައިއޭސީ އިން އަންނަނީ ހިންގަމުންނެވެ. މި ޖަމާއަތުގެ އެހީތައް ފޯރުކޮށްދިނުމުގައި ދިވެހި ރައްޔަތުންގެ ދީލަތި އެހީތެރިކަން ވަރަށްފުރިހަމައަށް ލިބެމުންދެއެވެ.
އެހެންކަމުން ސީރިޔާއާއި ތުރުކީއަށް އައި ބިންހެލުމުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގައިވެސް ހުރިހާ ބޭފުޅުންގެ އިހްލާސްތެރި އެހީތެރިކަމަށް އައިއޭސީ އިން އެދިލައްވައެވެ.
އެހީތެރިކަން ފޯރުކޮށްދިނުމަށް ތިރީގައިވާ އެކައުންޓު ހިޔާރު ކުރަށްވާ!
ބީއެމްއެލް އިސްލާމިކް
އެކައުންޓް ނަމްބަރު: 7770000062741
އެކައުންޓް ނަން: International Aid Campaign
އެކައުންޓް ލޭބަލް: IAC | EMERGENCY