ދަރަނބޫދޫ ސިއްޙީމަރުކަޒުގެ 15 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.
މިދުވަސް ފާހަގަކުރުމަށް ދަރަނބޫދޫ ސްކޫލުގައި ރޭ ބޭއްވި ޖަލްސާގެ ތަޢާރަފްގައި ދަރަނބޫދޫ ސިއްޙީމަރުކަޒުގެ ފަރާތުން ވާހަކަ ދައްކަވަމުން ވިދާޅުވީ، ކުލަގަދަކޮށް ގިނަބަޔަކު ބައިވެރިކުރެވިގެން ސިއްޙީމަރުކަޒުގެ އަހަރީ ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ ރަށުގައި އެކިފެންވަރުގައި އެކި ދުވަސްވަރުގެ މަތީން ޚިދުމަތް ކޮށްދެއްވި ފަރާތްތަކުގެ އަގުވަޒަންކުރުމެވެ. އެގޮތުން މި ޖަލްސާގައި ސިއްޙީ ދާއިރާއަށް ގިނަ ދުވަސްތަކަކަށް ޚިދުމަތް ކޮށްދެއްވި ފަރާތްތަކާއި ފަހުގެ ތާރީޚްތަކުގައި ކުރުމުއްދަތަށްވެސް ޚިދުމަތް ކުރެއްވި ފަރާތްތަކުގެ ޚިދުމަތުގެ އަގުވަޒަންކުރުން މިޖަލްސާގައި ކުރިއަށް ގެންދެވިއެވެ.
ދަރަނބޫދޫގައި ސިއްޙީ ޚިދުމަތް އެންމެ ފުރަތަމަ ދެވިފައިވާކަމަށް ރެކޯޑްކުރެވިފައިވަނީ 1979 ވަނަ އަހަރުގައި ކަމަށާއި، އޭރުގައި ދެވުނު ޚިދުމަތްތަކުގެ ތަފްސީލްތަކެއް މިއަދު ފެންނަން ނެތްކަމަށް ސިއްޙީމަރުކަޒުން ހާމަކުރެއެވެ. ސިއްޙީ ޚިދުމަތުގެ ދިގު ތާރީޚެއް އޮތްނަމަވެސް ސިއްޙީމަރުކަޒުން ނިންމާފައިވަނީ ވަކި މިނިވަން މުވައްސަސާއެއްގެ ގޮތުގައި އައު އިމާރާތަކަށް ސިއްޙީ ޚިދުމަތް ބަދަލުކުރެވުނު ރަސްމީ ތާރީޚުން ފެށިގެން އަހަރީ ދުވަސް ގުނުމަށެވެ. އެއީ ކުރީގެ ޚިދުމަތްތަކުގެ ކަށަވަރު މަޢުލޫމާތު މަރުކަޒަށް ލިބިފައިނުވާތީއެވެ. އެހެންކަމުން އައު އިމާރާތަށް 2007 ވަނައަހަރު ބަދަލުވުމާއެކު ރޭގައި ބާއްވާފައިއެވަނީ 15 އަހަރު ފުރުނު ޚާއްސަ ޖަލްސާކަމަށް ސިއްޙީމަރުކަޒުން ހާމަކުރައްވާފައިވެއެވެ.

ރޭ ބޭއްވުނު މި ޙަފްލާގައި ދަރަނބޫދޫގެ ހުރިހާ މުވައްސަސާތަކަށް ދަޢުވަތު ދެވިފައިވެއެވެ. އަދި މި ޙަފްލާގައި ދަރަނބޫދޫގެ މުވައްސަސާތަކުގެ އިސްވެރިންނާއި ސިއްޙީމަރުކަޒުގެ މުވައްޒަފުންގެ އިތުރުން ސިއްޙީ ދާއިރާގައި ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކުރެއްވައި ރިޓަޔަރ ކުރައްވާފައިވާ ފަރާތްތަކާއި، ހިލޭސާބަހަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ޖަމިއްޔާތަކާއި އަމިއްލަ ފަރުދުންގެ އިތުރުން ކޮވިޑް-19 އާއި ގުޅިގެން ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ރަށު ފެންވަރުގައި ކުރައްވާފައިވާ ޚާއްސަ ފަރާތްތަކެއް މި ޙަފްލާގައި ބައިވެރިވެލެއްވިއެވެ.
މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ދަރަނބޫދޫ ކައުންސިލްގެ ރައީސް އަދި މި ޙަފްލާގެ ޝަރަފްވެރި މެހެމާނު، އަބްދުލް ޙަމީދު އާދަމް ވިދާޅުވީ ރޭގެ ޙަފްލާއަކީ ދަރަނބޫދޫގެ މުވައްސަސާއަކުން އެފަދަ ގޮތަކަށް އަހަރީ ދުވަސް ފާހަގަކުރާ ފުރަތަމަ ފަހަރުކަމަށާއި، ޙަފްލާގެ ޝަރަފްވެރި މެހެމާނަކަށް ޚިޔާރުކުރެއްވީތީ އެކަމުގެ އުފާ ލިބިގަންނަކަމަށެވެ. ޝަރަފްވެރި މެހެމާނުގެ ވާހަކަފުޅުގައި ރަށުގައި ސިއްޙީ ޚިދުމަތްތައް ފެށިގެން އައިގޮތާއި ޒަމާނާއި ގުޅިގެން ސިއްޙީ ޚިދުމަތަށް ބަދަލުތައް އައިސްފައިވާ ގޮތުގެ މައްޗަށް ވަރަށް ތަފްސީލްކޮށް އަލިއަޅުވާލައްވާފައިވެއެވެ.
ދަރަނބޫދޫ ސިއްޙީމަރުކަޒުގެ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފައިވަނީ ދަރަނބޫދޫގެ މުވައްސަސާތަކުގެ ދީލަތި އެހީތެރިކަމާއެކުގައެވެ. އަދި މި ޙަފްލާގެ އިންތިޒާމްތައް ކުރިއަށް ގެންގޮސްފައިވަނީ ދަރަނބޫދޫ ސްކޫލުގެ ދަރިވަރުންގެ ޤުލްޝަނާއި ޙަވާލުކުރެވިގެން ވަރަށް ފުރިހަމައަށެވެ.