ޔޫތު މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީ އަދި ރާއްޖެ ޓީވީ ގުޅިގެން ބޭއްވުމަށް ތައްޔާރުވަމުން އަންނަ “ރަންތާޖު” ޤުރުޢާން މުބާރާތުގައި ނިލަންދޫގެ ވިހާވެސް ގިނަބަޔަކު ބައިވެރިވުން އެދޭކަމުގައި، “ދިވެހި ރާއްޖޭގެ އެންމެ އަލިގަދަތަރި” ޤުރުއާން މުބާރާތް ކާމިޔާބުކޮށްފައިވާ މުޙައްމަދު އިސްމާޢީލް ބުނެފިއެވެ. ރަންތާޖް ޤުރުއާން މުބާރާތުގެ ބައެއް ތަފްސީލް ތަކާއެކު މުޙައްމަދު އިސްމާޢީލް ފޭސްބުކް ގައި ކޮށްފައިވާ ޕޯސްޓެއްގައި އިތުރަށް ބުނެފައިވަނީ ވެވުނު މިންވަރަކުން މިކަމުގައި ކޮންމެ ފަރާތަކަށްވެސް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.
1 ވަނައަށް ހޮވޭ ފަރާތަކަށް 3 ލައްކަ ރުފިޔާގެ ފައިސާގެ އިނާމް ހުށައަޅާފައިވާ ރަންތާޖު ޤުރުއާން މުބާރާތުގެ އޮޑިޝަންއަށް ނަންނޯޓްކުރުން 13 ޖެނުއަރީގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. މި މުބާރާތުގެ އޮޑިޝަން ބާއްވަން އެންމެ ފުރަތަމަ ޢިއުލާންކުރި ރަށްތަކުގެ ތެރޭގައި ނިލަންދޫ ހިމެނިފައި ނުވިކަމުގައިވިޔަސް ގެނެވުނު ބަދަލުތަތަކަކާއެކު ނިލަންދޫގައި އޮޑިޝަން ބޭއްވުމަށް މިހާރުވަނީ ހަމަޖެހިފައެވެ. ނިލަންދޫގައި މި އޮޑިޝަން އޮންނާނީ 23 ޖެނުއަރީ 2023 ގައެވެ.
ފ ނިލަންދޫ އަކީ ކީރިތި ޤުރުއާންގެ ޢިލްމާއި ހުނަރަށް ދިވެހިރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އެއްރަށެވެ. ދިވެހި ރާއްޖޭގައި ބޭއްވޭ އެކިފެންވަރުގެ ޤުރުއާން މުބާރާތްތަކުގައި ނިލަންދޫއަށް ނިސްބަތްވާ ފަރާތްތަކުން ރަންވަނަތަކެއް ހޯދާފައިވާއިރު، ޤުރުއާނުގެ ދާއިރާއިން ޤައުމަށް ޚިދުމަތްކުރުމުގައިވެސް ނިލަންދޫއަށް ނިސްބަތްވާ ފަރާތްތައް ވަރަށްބޮޑަށް ފާހަގަކޮށްލެވެއެވެ.
ރަންތާޖު ޤުރުއާން މުބާރާތަކީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އަދި އެންމެ އަގު ބޮޑު ޤުރުއާން މުބާރާތްކަމުގައި ޔޫތުމިނިސްޓަރ އަޙްމަދު މަޙްލޫފްވަނީ ވިދާޅުވެފައެވެ.