ދަރަނބޫދޫ ޒުވާނުން އެދެމުން އައި ބިމުގައި ފުޓްސަލް ދަނޑު އަޅާނެ ޖާގައެއް ނެތްކަމަށް ދަރަނބޫދޫ ކައުންސިލުން ބުނެފިއެވެ.
ވޯލްޑްކަޕް މެޗްތައް ބެލުމަށް ތައްޔާރުކޮށްފައިވާ ހަރުގޭގައި ދަރަނބޫދޫ ކައުންސިލުން އާންމުކޮށް ހުޅުވާލައިގެން މިރޭ ބޭއްވި ޖަލްސާގެ އެޖެންޑާގައި ފުޓްސަލް ދަނޑެއް އަލުން ހެދުމަށް ހުއްދަ ލިބިފައިވާތީ އެކަމާބެހޭގޮތުން ރައްޔިތުންނާއި މަޝްވަރާކުރުމަށް ހިމަނާފައި އޮތެވެ. މި އެޖެންޑާގެ ދަށުން ފުޓްސަލް ދަނޑު އަޅާނެ ބިމެއް ފާސްކޮށް ސަރުކާރަށް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ދަނޑު އަޅާނެ ބިމަކާއި ބެހޭގޮތުން ޖަލްސާގެ ބައިވެރިން ޚިޔާލު ހުށަހަޅާފައިވެއެވެ.
ރަށުގައި މިވަގުތު ތިބި އާންމުންގެ ތެރެއިން ގިނަ ބަޔަކު ބައިވެރިވި މި ޖަލްސާގައި ދަރަނބޫދޫ ޒުވާނުންގެ ކުލަބުގެ ރައީސް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ރަށުގެ ޒުވާނުން ބޭނުންވަނީ އާންމުން ދިރިއުޅޭ ސަރަޙައްދާއި ވީހާވެސް ގާތުގައި ފުޓްސަލް ދަނޑު އެޅުން ކަމަށާއި މިހާރުވެސް ފުޓްސަލް ދަނޑު ހަދާފައިވަނީ މީހުން ދިރިއުޅޭ ސަރަޙައްދާއި މާދުރުގައި ކަމުން ކުޅިވަރުގެ ފޯރި ނުހިފުމާއި ރައްކާތެރި ނޫން ކަމުގައެވެ. އެހެންކަމުން މީހުން ދިރިއުޅޭ ސަރަޙައްދާއި ގާތުން ޚާއްސަކޮށް ސިއްޙީމަރުކަޒުގެ ހުޅަނގުން އޮންނަ ހުސްބިމުގައި ދަނޑު ހަދަން ފެންނަކަމަށް ހުށަހަޅާފައިވެއެވެ.
އެކަމާއި ގުޅިގެން ކައުންސިލްގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ކައުންސިލްގެ ރައީސް އަބްދުލް ޙަމީދު އާދަމް ވިދާޅުވީ، އެބިމުގައި ދަނޑު އަޅައި ދިނުމަށް ޒުވާނުންގެ ފަރާތުން ކައުންސިލަށް ހުށަހެޅުންތަކެއް ލިބިގެން ދިޔަކަމަށާއި، އެކަމާއި ގުޅިގެން އެބިމުގެ ދިރާސާ ހެދިއިރު، ފުޓްސަލް ދަނޑަށް އެކަށީގެންވާ ޖާގަ އެތަނުގައި ނެތްކަމަށެވެ. އެހެން ކަމުން ކައުންސިލްގައި މަޝްވަރާކުރުމަށްފަހު ނިންމުނު ގޮތަކީ މިހާރުވެސް ފުޓްސަލް ދަނޑު އަޅާފައިވާ ބިމާއި އިންވެގެން އިރުދެކުނުން ހުސްކޮށް އޮތް ބިމުގައި ނުވަތަ ފެނަކަ އިމާރާތުގެ އުތުރުން އޮތް ބިމުގައި ފުޓްސަލް ދަނޑުއެޅުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށެވެ.
އެއާއި އެއްގޮތަށް މި ދެބިމާއި ބެހޭގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއަށް އެޖަލްސާގައި ހުޅުވާލުމަށްފަހު، ބިމެއް ފާސްކުރުމަށް ނެގުނު ވޯޓުން ފާސްވީ މިހާރުވެސް ފުޓްސަލް ދަނޑާއި އިންވެގެން އޮތް ބިމުގައި އިތުރު ފުޓްސަލް ދަނޑެއް އެޅުމަށެވެ.

ދަރަނބޫދޫގައި މިހާރު ބޭނުންކުރަމުންދާ ފުޓްސަލް ދަނޑުވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ. މިދަނޑު މަރާމާތުކުރުމަށްވެސް އާ ދަނޑެއް ހެދުމަށް ދާ އަގާއި ގާތްކުރާ އަދަދެއް ޚަރަދުވާނެތީވެ، ޔޫތު މިނިސްޓްރީންވަނީ އިތުރު ދަނޑެއް ހެދުމަށް ކައުންސިލަށް ހުއްދަ ދެއްވާފައެވެ. އެހެން ކަމުން މިހާރު ބޭނުންކުރަމުންދާ ފުޓްސަލް ދަނޑު ކުރިއަށް އޮތްތަނުގައި ސްކޫލް ކުދިންގެ މުބާރާތްތަކަށާއި ހޭންޑްބޯލް ކުޅުމަށް ބޭނުންކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމުގައި ކައުންސިލްގެ ރައީސްވަނީ ހާމަކުރައްވާފައެވެ.