އިބްރާހީމް ޚަލީލް: އަތޮޅު އެންމެން ދަންނަ ޚިދުމަތްތެރި ދަރިއެއް އަތޮޅު ކައުންސިލަށް ވާދަކުރަނީ

Dhanews Logo

އިބްރާހީމް ޚަލީލް: އަތޮޅު އެންމެން ދަންނަ ޚިދުމަތްތެރި ދަރިއެއް އަތޮޅު ކައުންސިލަށް ވާދަކުރަނީ

Feature

އިބްރާހީމް ޚަލީލް: އަތޮޅު އެންމެން ދަންނަ ޚިދުމަތްތެރި ދަރިއެއް އަތޮޅު ކައުންސިލަށް ވާދަކުރަނީ

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް 3 މިނިޓުން

އޭނާގެ ވާހަކަ ފައްޓަވަމުންވެސް ފާހަގަކުރެއްވީ އޭނާއަކީ ކާކުކަން ނުދަންނަ މީހަކު ފ.އަތޮޅުގައި މަދުވާނެކަމަށް ބުނަމުންނެވެ. ތެދެކެވެ. ފ. އަތޮޅަށް މަޝްހޫރު ފ. ނިލަންދޫ އަލީ ޝަމީމްގެ ދޮށީ ފިރިހެން ދަރި، އިބްރާހީމް ޚަލީލް ނުވަތަ އާންމު ނަމުންނަމަ، ޚަލީލްސޯއޭ ބުނުމުން އެއީ ކާކުކަން ނޭނގޭ މީހަކު މަދުވާނެއެވެ. އޭނާއަކީ ފ. އަތޮޅަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތެކެވެ. މިވަގުތު އޭނާ ގެންދަވަނީ ފ. އަތޮޅު ކައުންސިލްގައި ހުސްވެފައިވާ ކައުންސިލް ރައީސަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އެލެކްޝަންގައި ވާދަކުރައްވަމުންނެވެ. ދަނިއުސް މީޑިއާއިން މިއަތޮޅުގެ ސިޔާސީ މަސައްކަތްތަކުގައި ޙަރަކާތްތެރިވަމުން ގެންދަވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ “ސިޔާސީ ވެށި” ޕްރޮގްރާމްގެ ތެރެއިން މި ރިޕޯޓްގައި މި ގެނެސްދެވެނީ އިބްރާހީމް ޚަލީލް ދަނިއުސްއަށް ދެއްވި ބަސްދީގަތުމުގެ މުހިންމު ބައިތަކެވެ. މި ބަސްދީގަތުމުގެ ވީޑިއޯތައް ދަނިއުސް މީޑިއާގެ އެކި މަންސައިގައި މިހާރުވެސް ފެންނަން ހުންނާނެއެވެ.

ފ.އަތޮޅަށް ކޮށްދެވިފައިވާ ޚިދުމަތްތައް:

ޚަލީލްސޯ ފާހަގަކުރެވިފައިވަނީ ފާއިތުވީ ފަސްއަހަރުގައިވެސް ފ. އަތޮޅަށް ޚިދުމަތް ކުރުމުގައި ދެމިހުންނެވި ބޭފުޅެއްގެ ގޮތުގައެވެ. ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި، އޭރުގެ ރައީސުލް ޖުމްހޫރިއްޔާވަނީ އޭނާ ފ.އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ކަމަށް ޢައްޔަން ކުރައްވާފައެވެ. އެ މަޤާމުގައި 4 އަހަރު ޚިދުމަތް ކުރެއްވިއެވެ. އޭގެ ފަހުން އޭނާވަނީ އަހަރެއްހާ ދުވަހު ފ.އަތޮޅު ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުގައި ސީނިއާރ އެގްޒެކެޓިވް ޑިރެކްޓަރެއްގެ މަޤާމުގައި ޚިދުމަތް ކޮށްދެއްވާފައެވެ.

ދަނިއުސްއަށް ދެއްވި ބަސްދީގަތުމުގައި ޚަލީލްސޯ ފާހަގަކުރެއްވި އޭނާގެ ޚިދުމަތުގެ އެންމެ ފާހަގަކޮށްލެވޭ ދުވަސްތަކަކީވެސް ފާއިތުވެދިޔަ ފަސްއަހަރެވެ. ޚާއްސަކޮށް މުޅިދުނިޔެއަށް ކުރިމަތިވި، ކޯވިޑް19 ގެ ދަތި ދުވަސްތަކުގައި ފ.އަތޮޅު ހޮސްޕިޓަލްގެ ހިންގެވުމާއި ޙަވާލުވެ ހުންނަވައިގެން ކޮށްދެވިފައިވާ މަސައްކަތްތައް ފާހަގަކުރެއްވީ ހިތްހަމަޖެހުމާއެކުގައެވެ. ދަތުރުފަތުރާއި ކަރަންޓީނު ކުރުމުގެ ދަތިކަން އިންތިހާއަށް ބޮޑުވެގެން ދިޔަ އެދުވަސްވަރު ފ.އަތޮޅު ހޮސްޕިޓަލަކީ މުޅިރާއްޖެއިންވެސް ޚިދުމަތްތައް ދިނުމުގައި އެންމެ ފާހަގަކޮށްލެވުނު އެއް ހޮސްޕިޓަލެވެ. އެގޮތުން މާލެއަތޮޅުން ފެށިގެން ލާމުއަތޮޅާއި ހަމައަށް ވަރަށް ގިނަ ރައްޔިތުން ނިލަންދޫއަށް ދަތުރުކޮށް އެ ހޮސްޕިޓަލުން ގިނަ ޚިދުމަތްތަކެއް ހޯއްދެވިއެވެ. އެހޮސްޕިޓަލްގެ މެނޭޖްމަންޓާއި މުވައްޒަފުންގެ އަގުހުރި އެ މަސައްކަތްތަކުން އެކަނިވެސް މިއަދު އެ ހޮސްޕިޓަލްއެވަނީ އިތުރު ޚިދުމަތްތަކެއް ޤާއިމްކޮށް ކުރިއެރުންތަކެއް ހޯދާފައެވެ.

“ފ.އަތޮޅު ހޮސްޕިޓަލަށް ލިބިގެންދާ ކޮންމެ ކުރިއެރުމަކީ މުޅި އަތޮޅުގެ އެންމެހާ ރައްޔިތުންނަށް ލިބިގެންދާނެ ކުރިއެރުމެއް” ޚަލީލްސޯ

އަތޮޅު ހޮސްޕިޓަލާއި ޙަވާލުވެ ހުންނަވައިގެން ކޮށްދެއްވި އެހެން ޚިދުމަތްތަކަށް ބަލާއިރު އެބޭފުޅާ ފާހަގަކުރެވިފައިވަނީ އަތޮޅުގައި ދެންއޮތް 4 ރަށުގެ ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކަށް ކުރިއެރުން ހޯދައިދިނުމަށް މަސައްކަތްކުރެއްވި ލީޑަރެއްގެ ގޮތުގައެވެ. ޚަލީލްވަނީ އޭނާގެ ލީޑަރޝިޕްގައި އަތޮޅުގެ އެހެން ސިއްޙީމަރުކަޒުތަކަށް ދިމާވާ ދަތިތަކަށް ޙައްލު ހޯއްދަވައި ދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައި، ސިއްޙީ ދާއިރާގެ މުވައްޒަފުންނާއި ގާތްގުޅުމެއްވެސް ބާއްވާފައެވެ.

ނިމިދިޔަ 5 އަހަރުގެ ކުރިންވެސް ޚަލީލްވަނީ ސިޔާސީ ލީޑަރެއްގެ ގޮތުގައި އަތޮޅަށް ޚިދުމަތް ކޮށްދެއްވާފައެވެ. އެގޮތުން 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ވެރިކަމުގައި، ރާއްޖޭގެ ފުރަތަމަ ލޯކަލް ކައުންސިލްތައް އިންތިޚާބު ކުރުމުގެ ކުރީގައި، އެސަރުކާރުންވަނީ އޭނާ ފ. އަތޮޅު ކައުންސިލަރެއްގެ މަޤާމަށް ޢައްޔަން ކުރައްވާފައެވެ. 2009 ވަނަ އަހަރު ޢައްޔަން ކުރެވުނު އެމަޤާމުގައި އޭނާ 1 އަހަރާއި 7 މަސްވަންދެން ހުންނެވިއެވެ.

‘”އަތޮޅު ކިޔާ ކޮންމެ ތަނަކާއި ޙަވާލުވުމަށްފަހު، ވަކިރަށެއް ތަފާތުކުރުމެއްނެތި، އާބާދީއަށް ބެލުމެއްނެތި އިޚްލާސްތެރި ޚިދުމަތްތަކެއް ކޮށްދެވިފައިވާނެ” ޚަލީލްސޯ

ސިޔާސީ ދާއިރާއަށް ވަނުމުގެ ކުރިން އޭނާވަނީ ތަޢުލީމީ ދާއިރާގައިވެސް ފ.އަތޮޅަށް ވަރަށް ގިނަ ދުވަސްވަންދެން ޚިދުމަތް ކޮށްދެއްވާފައެވެ.

ކީއްވެ އަތޮޅު ކައުންސިލަށް؟

ފ. އަތޮޅު ކައުންސިލްގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް ނިންމެވި މައިގަނޑު ސަބަބަކީ، އަތޮޅު ކައުންސިލާއިމެދު ފ.އަތޮޅުގެ ވަރަށް ގިނަ ރައްޔިތުންގެ ޝަކުވާތަކެއް ހުރުމުން، އެކަމަށް ޙައްލެއް ހޯދައި ދިނުމަށްކަމުގައި ޚަލީލް ފާހަގަކުރެއްވިއެވެ. ފާއިތުވީ 5 އަހަރު އަތޮޅުގެ އިސް މުވައްސަސާތަކެއްގެ އިސްވެރިއަކަށްހުރެ، ރަށްރަށަށް ކުރެވުނު ދަތުރުތަކުންނާއި، މި ކެމްޕެއިން ތެރޭގައި ކުރެވުނު ދަތުރުތަކުންވެސް އަތޮޅު ރައްޔިތުންގެ ޝަކުވާތަކެއް އަތޮޅު ކައުންސިލާމެދު އޮތްކަން އެނގިގެން ގޮސްފައިވާކަމަށައި، އަތޮޅު ރައްޔިތުންގެ ޝަކުވާތަކާއި ދަތިތައް ދެނެގަތުމަށް އަތޮޅު ކައުންސިލް ހިންގަވާ އިސް ބޭފުޅުން ރައްޔިތުންނާއި ގާތަށް ޒިޔާރަތް ނުކުރާކަމަށް ވިދާޅުވިއެވެ. އެބޭފުޅާ އަތޮޅު ކައުންސިލްގެ ރައީސްކަމަށް އިންތިޚާބު ވެއްޖެނަމަ، އެކަން ބަދަލުކުރައްވާ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރެއްވުމަށް ގަސްތުކޮށްގެން ކައުންސިލަށް ކުރިމަތިލެއްވީކަމަށް ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސްކަމުގައި އަތޮޅާއިމެދު ގެންގުޅުއްވާ ތަސައްވުރަކީކޮބާ؟

އަތޮޅު އެންމެހައި ރައްޔިތުންނަށް ޚަލީލް ދެއްވާ ޔަގީންކަމަކީ ފަރުދުންގެ ފުދުންތެރިކަން އިތުރުކުރުމަށް މަސައްކަތްތަކެއް ކޮށްދެއްވާނެކަމެވެ. ރާއްޖޭގެ އެހެން އަތޮޅުތަކާއި ބަލާއިރު، ފ. އަތޮޅުގައި ފަޅުރަށްތައް މަދުނަމަވެސް، އަތޮޅު އެންމެހާ ރައްޔިތުންނަށް އާމްދަނީ ލިބޭނެގޮތަކަށް އެރަށްރަށުގެ ކަންތައްތަކެއް ކުރެވޭގޮތް ހެދުމަކީ ގެންގުޅުއްވާ ތަސައްވުރެއްކަމުގައި ފާހަގަކުރެއްވިއެވެ. އެންމެ ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވަން ގަސްތުކުރާ މަސައްކަތަކީ މާލޭގައި ހުންނަ ފަ.އަތޮޅު ފިހާރަ މިހާރަށްވުރެ ހެޔޮގޮތެއްގައި ބޭނުންކުރެވޭނެ ގޮތަކަށް އެތަން ބައްޓަންކުރުމަށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، އެއީ ކައުންސިލްގެ ބާކީ އޮތް ކުރު މުއްދަތުގައި ފުރިހަމަ ނުކުރެވިދާނެކަމަކަށް ވެދާނެކަމަށާއި، އެހެންނަމަވެސް ކުރިއަށް އޮތްތަނުގައި އެކަމަށް ސުރުޚީއަޅާ، އެ މިސްރާބަށް ދަތުރު ފެށުމަށް ގަސްތުކުރައްވާކަމުގައި ވިދާޅުވިއެވެ. މި މަސައްކަތް ކާމިޔާބު ކުރެވިއްޖެނަމަ، ފ.އަތޮޅުގެ ރައްޔިތުންނަށް ދިގު މުއްދަތަކަށް ދެމިގެންދާ ބޮޑު އާމްދަނީއެއް ލިބިގެންދާނެކަމަށް ޚަލީލް ވިދާޅުވިއެވެ.

in-article

ފ.އަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުން ދަތުރުގޮސް ޕިކްނިކް ކޮށްލަން ވަކި ރަށެއް ހޯދައި، އެރަށްރަށް އެފަދަ ކަންކަމަށް ތަރައްޤީކުރުމަށް ސަރުކާރާއި ގުޅިގެން މަސައްކަތްތަކެއް ކުރައްވާނެކަމަށްވެސް ޚަލީލް ވިދާޅުވިއެވެ.

“އެމްޑީޕީން ކުރިމަތިލިޔަސް މިއުޅެނީ ސަރުކާރަށް ޖެއްސުން ކުރާކަށްނޫން! މިއުޅެނީ ސަރުކާރާއި ގުޅިގެން ރައްޔިތުންނަށް ފައިދާވާނެ މަސައްކަތްތަކެއް ކުރަން. ކޮންމެ ފިކުރެއްގެ މީހަކަށްވެސް ސަރުކާރާ ގުޅިގެން މަސައްކަތްކުރެވޭނެ” ޚަލީލްސޯ

މީގެ އިތުރުން މިހާރުވެސް ނިލަންދޫގައި ހުރި އަތޮޅު ރައްޔިތުންގެ ސްޓޯރު މިހާރަށްވުރެ ބޮޑަށް އެވިޔަފާރި ފުޅާކޮށް ހުރިހާ ރައްޔިތުންނަށް އެތަނުން މުދާ ފަސޭހައިން ލިބޭނެ ގޮތެއް ހަމަޖައްސަވާނެކަމަށް ވިދާޅުވިއެވެ. އެގޮތުން އަތޮޅު ރައްޔިތުންގެ ވަރަށްބޮޑު “އެސެޓެއް” (އޮޑިއެއް) ނިލަންދޫ ބަނދަރުގައި ބޭނުންނުކުރެވޭ އެއްޗެއްގެ ގޮތުގައި ފަޅުތެރޭގައި އެބައޮތްކަން ފާގަކުރެއްވިއެވެ. ރައްޔިތުން ފުރުސަތު ދެއްވައިފިނަމަ، އެއޮޑީގެ ބޭނުންކޮށްގެން އަތޮޅު ސްޓޯރުން މުދާހިފައިގެން މޯބަލައިޒްކޮށް ރަށްރަށަށް ވިޔަފާރި ދަތުރުތައް ކުރުމުގެ ތަސައްވުރެއް ގެންގުޅުއްވާކަމަށް ވިދާޅުވިއެވެ.

“އަތޮޅުގެ އެއްރަށް އަނެއް ރަށާއިމެދު ވަރަށްބޮޑު ނުތަނަވަސްކަމެއް އެބައޮވޭ! އެންމެ އިސްކަމެއް ދެއްވާނީ އަތޮޅުގެ ރައްޔިތުންގެ މެދުގައި އެއްބައެއްވަންތަ ބަޔަކަށް ހެދުމަށް” ޚަލީލްސޯ

ތަޢުލީމީ ދާއިރާއާމެދު ގެންގުޅުއްވާ ވިސްނުން:

ތަޢުލީމީ ދާއިރާގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރެވިފައިވާތީ، އެދާއިރާއަށް ވަރަށް ޚާއްސަ ލޯތްބެއް އަބަދުވެސް އޮންނަކަމަށް ޚަލީލް ވިދާޅުވިއެވެ. ހިނގަމުން މިދާ އަތޮޅު ކައުންސިލްގެ ދައުރުގައިވެސް ރަނގަޅުކަންކަން ހުރިކަން ފާހަގަކުރައްވަމުން އެކައުންސިލުން ފައްޓަވާފައިވާ އިންޓަރ ސްކޫލް ޙަރަކާތްތަކަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށާއި، ތަޢުލީމީ ދާއިރާއަށް މިސަރުކާރުގައި އައިސްފައިވާ ބަދަލާއި ގުޅިގެން އިތުރު ޙަރަކާތްތަކަށް ދަތިކަމެއް ކުރިމަތިވިނަމަވެސް، ގުޅުންހުރި ފަރާތްތަކާއި އެކުގައި މަސައްކަތް ކޮށްގެން ޙައްލެއް ގެނެސްދެވޭތޯ މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ. ފ.އަތޮޅު ރަށްރަށުގެ ސްކޫލްތައް ސިންގަލް ސެޝަންތަކަށް ބަދަލު ކުރެވިގެން ދިޔައީވެސް އަތޮޅު ކައުންސިލަށް ކުރިން ޢައްޔަން ކުރެއްވި މަޤާމުގައި ހުރެގެން ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއިންކަމަށް ޤަބޫލު ކުރެވޭކަމަށާއި، ސްކޫލުތަކަށް ބޭނުންވާ އެހީތައް ހޯދައި ސްކޫލްތައް ކުރިއަރައި ދިއުމަށްޓަކައި އަބަދުވެސް މަސައްކަތް ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

އިންތިޚާބާއި ގުޅިގެން އަތޮޅު ރައްޔިތުންނަށް ދޭންބޭނުންވާ މެސެޖް:

ބަސްދީގަތުން ނިންމަވާލައްވަމުން ޚަލީލް އެދިވަޑައިގަތީ ވަކި ކުލައަކަށް ވަކި ޕާޓީއަކަށް އަދި ފިކުރަކަށް ބެލުމެއްނެތި، ވޭތުވެދިޔަ ތަނުގައި ރައްޔިތުންނަށް ކޮށްދެވިފައިވާ ޚިދުމަތްތަކުގެ ނަތީޖާތަކުގެ މައްޗަށް ބައްލަވާފައި ޚަލީލަށް ވޯޓު ދިނުމަށް ރައްޔިތުންނަށް ގޮވާލެއްވިއެވެ. ޚަލީލް އިތުރަށް ވިދާޅުވީ އެބޭފުޅާއަށް ދޭ ވޯޓަކީ ގެއްލިގެންދާނެ އެއްޗެއް ކަމުގައި ނުވާނެކަމަށާއި، އެ ވޯޓަކީ މިވަގުތު ފ.އަތޮޅު ރައްޔިތުންގެ ކުރިމަގަށްޓަކައި އެޅޭނެ އެންމެ ރަނގަޅު ފިޔަވަޅުކަމުގައި، ހައްދަވާނެ ކަމުގެ ޔަޤީންކަން އަތޮޅުގެ ރައްޔިތުންނަށް ދެއްވާކަމުގައެވެ.

ޙިއްސާ ކުރައްވާ:

ގުޅުންހުރި