ދިޔޯކަޕް: ރަނގަޅު ބްރޭންޑަކަށް ވާނެކަމުގެ އުއްމީދުގައި

Dhanews Logo

ދިޔޯކަޕް: ރަނގަޅު ބްރޭންޑަކަށް ވާނެކަމުގެ އުއްމީދުގައި

418734705 860202939447698 8763009805610957480 N

ދިޔޯކަޕް: ރަނގަޅު ބްރޭންޑަކަށް ވާނެކަމުގެ އުއްމީދުގައި

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް 2 މިނިޓުން

ދަރަނބޫދޫއަކީ ދެޖިންސްގެ ޒުވާނުންނަށް ތަފާތު ނަންނަމުގައި އެކި ކުޅިވަރު މުބާރާތްތައް ބާއްވާފައިވާ ރަށެކެވެ. ރަށުގެ ޖަމްޢިއްޔާތަކާއި އާންމު ފަރުދުން އަދި މުވައްސަސާތަކުގެ ނަމުގައި ވާދަވެރި ގިނަ މުބާރާތްތަކެއް ބާއްވާފައިވާ ރަށެކެވެ. އެކިއެކި ފަރާތްތަކުގެ ހަނދާނުގަޔާއި އެކި ވިޔަފާރިތަކާއި މުވައްސަސާތަކާއި ޖަމްޢިއްޔާތަކާއި ގުޅުވައިގެން ނަންދެވުނު މުބާރާތްތަކާއި، ރަށުގެ ތާރީޚާއި ގުޅުވައިގެން ނަންދެވި، އެނަން މަޤުބޫލު “ބްރޭންޑް” އަކަށް ބަދަލުކުރެވުނު މުބާރާތްތަކެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވިފައިވެއެވެ. މި ރިޕޯޓްގައި މި ބަލާލެވެނީ މިފަދައިން މުޅިންއަލަށް ފެށުމަށް ހަމަޖެހިފައިވާ “ދިޔޯކަޕް”ގެ މައްޗަށެވެ.

މިއީ ކޮން މުބާރާތެއް؟

މިއީ 2023 ވަނަ އަހަރު ދަރަނބޫދޫގައި މުޅިން އަލަށް ރަޖިސްޓްރީ ކުރެވުނު “އޭކްސް ސްޕޯޓްސް ކުލަބު” ން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އަންހެނުންގެ ވޮލީ މުބާރާތެކެވެ. މިއީ އޭކްސް އިން އިންތިޒާމްކުރާ ފުރަތަމަ މުބާރާތްވެސް މެއެވެ. މި މުބާރާތުގެ ފުރަތަމަ ސީޒަން މިއަހަރުގެ މާރޗް މަހުގެ ފުރަތަމަ ދުވަހު ބޭއްވުމަށް އެކުލަބުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

މުބާރާތަށް ނަން ދެވުނީ ކިހިނެތް؟

މިއީ އޭކްސްގެ ނަމުގައި މުބާރާތެއް ބޭއްވުމަށް އެކުލަބުގެ ހިންގާ ކޮމެޓީގެ މެދުގައި ކުރެވުނު މަޝްވަރާއަކުން ފާސް ކުރެވިފައިވާ ނަމެކެވެ. ކުލަބުގެ ހިންގާ ކޮމެޓީގައި ތަފާތު 4 ނަމަކަށް މަޝްވަރާކުރެވިފައިވިޔަސް، މުބާރާތަށް “ދިޔޯކަޕް” ކިޔެފައިވަނީ މައިގަނޑު 2 ކަމެއްގެ މައްޗަށް ބަލައިގެންކަމަށް އެކުލަބުގެ ރައީސް މުޢައްދު މުޙައްމަދު ދަނިއުސްއަށް މަޢުލޫމާތު ދެއްވިއެވެ. މީގެ ތެރެއިން އެއްކަމަކީ މުބާރާތުގެ ނަމުން، އެއީ ކޮންބަޔަކަށް ޚާއްސަކުރެވޭ މުބާރާތެއްކަމަށް އެނގެން އޮތުމެވެ. ދިވެހިބަހުގެ ރަދީފުގައި “ދިޔޯ” މާނަކުރެވެނީ “ރީތި އަންހެނާ”އަށެވެ. މިބަހާއި އެންމެ ގުޅުވޭ އަނެއް ބަހަކީ “ދިޔެ”އެވެ. މިއީ “އަންހެން ދަރިންނަށް” ނިސްބަތްކުރެވޭ ނަމެކެވެ. ދިޔޯކަޕަކީ ހަމައެކަނި އަންހެނުންނަށް ބައިވެރިވެވޭ ގޮތަށް ރޭވިފައިވާ މުބާރާތެކެވެ.

މުބާރާތަށް މިނަން ދެވިފައިވާ މައިގަނޑު އަނެއް ސަބަބަބީ ރާއްޖޭގެ ތާރީޚުގައި ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ޚިދުމަތްތަކެއް ކުރެއްވި މަޝްހޫރު ރަސްކަލެއް ކަމުގައިވާ އައްސުލްޠާން މުޙައްމަދު މުޙްޔިއްދީނުލް ޢާދިލްގެ މަންމާފުޅުގެ ނަމާއި ގުޅުވުމެވެ. މި ރަސްކަލުންގެ މަންމާފުޅަކީ ދަރަނބޫދޫއަށް ނިސްބަތްވާ ޚަދީޖާ ދިޔޯއެވެ. ޢަދުލާއި އިންސާފުވެރި ރަސްކަލެއްގެ މަންމާފުޅާއި ގުޅުވައިގެން މި މުބާރާތަށް ނަން ދެވިފައިވުމަކީ، މުބާރާތުގެ ހައިބަތު ދައްކުވައިދޭ ޚާއްސަ ކަމެކެވެ.

މުބާރާތުގެ ލޯގޯ:

މިއީ މިމުބާރާތަށް ފުރިހަމަކަން ގެނެސްދިނުމަށް، ޚާއްސަ ލޯގޯއެއް އޭކްސްއިންވަނީ ތައްޔާރުކޮށް އާންމުކޮށްފައެވެ. ލޯގޯއަށް ފުރިހަމަކަން ގެނެސްދެނީ، މުބާރާތުގެ ނަމާއި މާނަވެސް ދައްކުވައި ދީފައިވުމުންނެވެ. ގްރެފިކް ޑިޒައިންކުރުމުގައި މީގެކުރިންވެސް ސަޅި މަސައްކަތްތަކެއް ދައްކުވައިދީފައިވާ ޔާމިން މުޙައްމަދު ތައްޔާރުކޮށްފައިވާ އަންހެނެއް ސިފަވާއިރު، އިސްތަށިގަނޑުގެ ކޮންސެޕްޓް ގުޅުވާލާފައިވަނީ ވޮލީ ބޯޅައިގެ ޑިޒައިނަކަށެވެ. މުބާރާތުގެ ނަމުގެ މާނަ ލޯގޯއާއި ގުޅުވާދެނީ ރީތީގެ ރާނީންނަށް ދެވޭފަދަ ތާޖަކުންނެވެ.

Dhiyo
ދިޔޯކަޕް ގެ ރަސްމީ ލޯގޯ: ފަރުމާކުރީ ޔާމިން މުޙައްމަދު

ބްރޭންޑަކަށް ހެދިދާނެބާ؟

މިއީ އަލަށް ފަށާ މުބާރާތްތަކަށް ކުރަން ރަނގަޅު ސުވާލެކެވެ. ސަބަބަކީ، ތަފާތު ނަންނަމުގައި އެކިއެކި މުބާރާތްތައް ފެށި ވައިގައި ރަނގަޅަށް ނުހިފަނީސް މުބާރާތްތައް އެއްކޮށް ނެތި ގޮސްފައިވުމެވެ. ދިގު މުއްދަތަކަށް އެއް ނަމެއްގައި، ރަނގަޅު ފެންވަރެއްގައި ހިފަހައްޓާލެވުނީ ދަރަނބޫދޫ ޒުވާނުންގެ ކުލަބުގެ ކޯލާއައުނު ފުޓްސަލް ކަޕަށާއި ޖަޒީރާ ލީގަށެވެ. މީގެތެރެއިން ކޮވިޑަށްފަހު ކޯލާއައުނު ކޯމާއެއްގައިވާއިރު، ޖަޒީރާ ލީގު މެދުކެނޑިގެންނަމަވެސް، ކުރިއަށް އެބައާދެއެވެ.

މުބާރާތާއި ގުޅޭގޮތުން އޭކްސް މެނޭޖްމަންޓަށް ރަނގަޅު އުއްމީދުތަކެއް ކުރެވެއެވެ. ދަރަނބޫދޫގެ އަންހެނުންގެ މެދުގައި އެންމެ މަޤުބޫލު ކުޅިވަރަށް އަމާޒުކޮށްގެން ސިލްސިލާކޮށް ބާއްވާނެ ވާދަވެރި މުބާރާތެއް އިޢުލާނުކުރެވުނީވެސް އެއުއްމީދުގައެވެ. މުބާރާތްތައް ބޭއްވުމުގެ ތަޖުރިބާ އޭކްސްގެ މެނޭޖްމަންޓަށް ލިބިފައިވުމާއި، މީގެ ކުރިން ދަރަނބޫދޫގައި ބޭއްވުނު އެހެން މުބާރާތްތަކުގައި ދިމާވިކަންކަން ދެނެގަނެ އެކަންކަން ޙައްލުކުރެވޭނެ ފޯމިއުލާއެއް ރޭވުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުން ދާކަމަށް އެކުލަބުން ރިޕޯޓަށް މަޢުލޫމާތު ދިނެވެ. އޭކްސްގެ އުއްމީދަކީ، މިވަގުތަށް ދަރަނބޫދޫގެ އަންހެނުންނަށް މުބާރާތް ޚާއްސަ ކުރެވުނަސް، ކުރިއަށް އޮތްތަނުގައި އަތޮޅު ފެންވަރުގައި ފާހަގަކޮށްލެވޭ ބްރޭންޑެޑް މުބާރާތަކަށް “ދިޔޯކަޕް” ހެދުމެވެ.

ޙިއްސާ ކުރައްވާ:

ގުޅުންހުރި