އަންހެނުންގެ ކޮމެޓީތަކުގެ މުސާރައިގެ ބަހުސް: ނިޒާމީ މައްސަލައެއްތަ ނުވަތަ އަމިއްލަ އިޚްތިޔާރުގެ ނަތީޖާއެއްތަ؟

އަންހެނުންގެ ކޮމެޓީތަކުގެ މުސާރައިގެ ބަހުސް: ނިޒާމީ މައްސަލައެއްތަ ނުވަތަ އަމިއްލަ އިޚްތިޔާރުގެ ނަތީޖާއެއްތަ؟

FP

އަންހެނުންގެ ކޮމެޓީތަކުގެ މުސާރައިގެ ބަހުސް: ނިޒާމީ މައްސަލައެއްތަ ނުވަތަ އަމިއްލަ އިޚްތިޔާރުގެ ނަތީޖާއެއްތަ؟

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް 2 މިނިޓުން

ދާދިފަހުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސާއިންގެ މުސާރައަށް ގެންނަން ނިންމި ބަދަލާއެކު، ދިވެހި މީސްމީޑިއާގައި ވަނީ ބޮޑު ބަހުސެއް އުފެދިފައެވެ. ސަރުކާރުން އެންމެ ފުރަތަމަ ކަނޑައެޅީ ސިޓީތަކުގެ ކޮމެޓީތަކުގެ ރައީސާއިންނަށް 41,500 ރުފިޔާ އަދި ރަށު ކޮމެޓީތަކުގެ ރައީސާއިންނަށް 21,000 ރުފިޔާ ދިނުމަށެވެ. ނަމަވެސް، އާންމުންގެ ބޮޑު ކަންބޮޑުވުމަކަށް މިކަން ވެގެންދިއުމުން، ސަރުކާރުން ވަނީ އެ ނިންމުން ބަދަލުކޮށް، ސިޓީތަކަށް 20,000 ރުފިޔާ އަދި ރަށްތަކަށް 15,000 ރުފިޔާއަށް މުސާރަ ކުޑަކޮށްފައެވެ.

މި މުސާރަތަކަށް ހަޖޫޖަހައި ފާޑުކިޔާ މީހުންގެ މައިގަނޑު ބުނުމަކީ، މިއީ ތަޢުލީމީ މިންގަނޑުތަކަށް ބަލާއިރު އިންސާފެއް ނޫން ކަމެވެ. ހަގީގަތުގައިވެސް، މާސްޓާސް އާއި ޑިގްރީ ހަދައިގެން، ސިވިލް ސަރވިސްގެ ޒިންމާދާރު މަޤާމުތަކުގައި ތިބޭ މުވައްޒަފުންނަށް މިފަދަ ބޮޑު އާމްދަނީއެއް ނުލިބުމަކީ ތަޢުލީމީ ގޮތުން އަޅުވާލެވޭ ބޮޑު ތަފާތެކެވެ. މީގެ އިތުރުން، ގިނަ ރަށްތަކުގެ އަންހެނުންގެ ކޮމެޓީތަކުގެ ޕަރފޯމަންސް ފެންނަނީ ވަރަށް ދަށްކޮށެވެ. ގިނަ ފަހަރަށް ފެންނަނީ ހަމައެކަނި ރަސްމީ ބައެއް ޖަލްސާތަކުން ނުވަތަ މުނާސަބަތުތަކެއް ފާހަގަކުރުމުގެ ތެރެއިންނެވެ. މި ހަގީގަތާ ދެކޮޅު ވާކަށް ނެތީމެވެ.

ނަމަވެސް، މި މައްސަލައިގެ އަސްލު ބާބު ފެށެނީ އަހަރެމެންގެ ތެރެއިންނެވެ. މިއަދު ތަޢުލީމީ އަދި ޤާބިލް މީހުން މިފަދަ ދާއިރާތަކަށް ނުކުންނާކަށް ބޭނުމެއް ނުވެއެވެ. އޭގެ ބަދަލުގައި، އެފަދަ މަޤާމުތަކަށް ”ނުކިޔަވާ، ތަންދޮރު ނުދަންނަ“ މީހުން ނެރެ، އެމީހުން ހޮވަން ރެއާއި ދުވާލު ކެމްޕޭންކޮށް، އެއީ ”ޤާބިލް ބައެއް“ ކަމަށް ބުނެ ރައްޔިތުންގެ ސިކުނޑިތަކާ ކުޅެނީވެސް ހަމަ ތަޢުލީމީ މީހުންނެވެ. ސިޔާސީ މަންފާއަށްޓަކައި، ހަގީގީ ތަޢުލީމީ ނުވަތަ ޤާބިލް މީހުންނާ ދެކޮޅަށް މަސައްކަތްކޮށް، ވަކި ކުލައަކަށް ނުވަތަ ވަކި ޕާޓީއަކަށް އިސްކަންދީގެން ނާޤާބިލް މީހުން ކުރިއަށް ނެރުމަކީ މިއަދު މުޖުތަމައުގެ އާންމު އުސޫލެކެވެ.

ހަގީގީ ތަރައްޤީއަކީ ވަކި ކުލައަކަށް ނިސްބަތްވުން ނޫންކަމާއި، އެއީ އިންސާނާގެ ވިސްނުމާއި މުޅި ދިރިއުޅުމަށް އަންނަ ބަދަލެއްކަން އެނގިތިބެމެ، އަމިއްލަ އާއިލާތަކާއި ގާތް މީހުންނަށް ނުފޫޒު ފޯރުވައިގެން ގޯސް ނިންމުންތައް ނިންމުވުމުގައި ތަޢުލީމީ މީހުންގެ ދައުރު ބޮޑެވެ. ކަން މިހެން އޮތްއިރު، އަމިއްލަ އަތުން ނިޒާމު ހަލާކުކޮށްލުމަށްފަހު، އެ ނިޒާމުގެ ތެރެއިން ނުކުންނަ ނަތީޖާއަށް ފާޑުކިޔުމުގެ ހައްގު އަހަރެމެންނަށް އެބައޮތް ހެއްޔެވެ؟

މުސާރައަށް ހަޖޫޖެހުމުގެ ބަދަލުގައި، އަހަރެމެން ވިސްނަންވީ ވޯޓުން ހައްގު މިންވަރު ހޯދެން އޮއްވައި، އަމިއްލަ ފައިދާއަށްޓަކައި އެ ފުރުސަތު ދޫކޮށްލީ ކީއްވެގެންތޯއެވެ؟ ކިޔަވައިގެން ތިބި މީހުން ”ސިޔާސީ ކުޅިވަރެއްގެ“ ގޮތުގައި ނާޤާބިލް މީހުން މަޤާމުތަކަށް އުފުލައިދީ، ދެން އެމީހުންނަށް ލިބޭ އިނާޔަތްތަކާ މެދު ޝަކުވާކުރުމަކީ ހަމަޖެހޭ އުސޫލެއް ނޫނެވެ.

ނިންމާލަމުން ދަންނަވަން އޮތީ، މުޖުތަމައެއް އިސްލާހުވާނީ ހަމައެކަނި މުސާރައަށް ފާޑުކިޔައިގެންނެއް ނޫނެވެ. އެއީ ހޮވޭ މީހުންގެ ފެންވަރާއި، އެމީހުން ހޮވަން މަސައްކަތްކުރާ މީހުންގެ އިޚްލާޞްތެރިކަމާ ގުޅިފައި އޮތް ކަމެކެވެ. ތަޢުލީމީ މީހުން އަމިއްލަ އެދުން އެއްކިބާކޮށް، ޤާބިލް މީހުންނަށް ފުރުސަތު ހޯދައިދޭން މަސައްކަތް ނުކުރާހާ ހިނދަކު، މިފަދަ ”އަދުލުވެރި ނޫން“ އިނާޔަތްތަކުގެ ވާހަކަ ދައްކައިގެން ލިބޭނެ ހަގީގީ ކުރިއެރުމެއް ނެތެވެ. މިއަދު މި އިހުސާސްކުރެވޭ ނާއިންސާފަކީ އިއްޔެ އަހަރެމެން އަމިއްލަ އަތުން އިންދި އޮށުގެ ފޮނިމީރުކަމެވެ.

ޙިއްސާ ކުރައްވާ:

3 ކޮމެންޓްތައް

  1. ތެދެއްތިޔާ! ކިޔެވުމުގެ އެއްވެސް ބޭނުމެއްނެތް! މަތީ ތަޢުލީމަށް ލޯނު ނަގައި ދަރަނިވެގެން ކިޔަވާ ނިންމާ ކިރިޔާވެސް ވަޒީފާއެއް ލިބެނީ 10،000ރ ގެއަށް ގެންދަން. އެއިން ލޯނު ދައްކާ ބާކީ އެއްޗެއް ނޯވޭ! މިހެން މިކަންވަނީ ސޮސައިޓީގެ ނާގާބިލްކަމާ ނޭއްގާނީކަމުން

  2. ތިހެން ތިކަން ވަނީ ކިޔެވުމުގަވެސް އަސްލު ހެޔޮ ނިޔަތެއް ނެތުމުން. ހުރިހާވެސް ވިސްނުމަކީ ފައިސާ ހޯދުން އެކަނި. ރަށަށް ޚިދުމަތެއް ކުރުމެއް ނޫން. ކިޔަވަނީވެސް ކިޔަވާ ހިތަކުން ނޫން. އެހެން މީހަކު ލައްވަ އެސައިމެންޓް ހަދާފަ ތިމާ ހަމައެކަނި ކުލާހަށް ވަދެލީމަ ނިމުނީ! ދެން ވަޒީފާއަށް ދިޔަސް ތިމާގެ ފެންވަރެއް ނުދެއްކޭ! އެވަރުން އެހެން މީހުންނަށް ހެޔޮގޮތް ބުނެދެވޭ!؟
    ތިޔަ ވާގޮތަކީ ތިމާ ބޭނުންވާ މީހާ ނޫން މީހާ ހޮވި އޭނާއަށް ބޮޑު އެއްޗެއް ލިބޭ ގޮތް ވުމުން ކިޑުނީ ގުޑަނީ! އެވެސް ތިމާ ހޮވަން އުޅުނު މީހާއަށް ލިބޭގޮތެއް ވީނަމަ، އެއީ ހައްގު މިންވަރު. އެއްވެސް ނާއިންސާފެއް އޮންނާނެކަމަށް ގަބޫލުވެސް ނުކުރާނެ. މިއީ ދިވެހިން

  3. މީ އެންމެންގެ މައްސަލައެއް. ލާރިބަހަނީވެސް ކިޔަވައިގެން ތިބި މީހުންދޯ! ލާރީގަ ޖެހެނީވެސް ކިޔަވައިގެން ތިބި މީހުން.

ކޮމެންޓް

ގުޅުންހުރި